19 ފެބްރުއަރީ 2024
މިއަހަރުގެ ފެބްރުއަރީ 19 ން 22 އަށް ސްރީލަންކާގައި ކުރިއަށްދާ ފުޑް އެންޑް އެގްރިކަލްޗަރ އޯރގަނައިޒޭޝަން (އެފް.އޭ.އޯ)ގެ 37 ވަނަ [ރީޖަނަލް ކޮންފަރެންސް ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (އޭ.ޕީ.އާރް.ސީ)]ގެ މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރުވުމަށް ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އާއިޝަތު ރަމީލާ ފުރާވަޑައިގެންފިއެވެ. އެކަމަނާ އަށް ލަންކާ އެއާޕޯޓުން މަރުހަބާ ދެންނެވީ ސްޓޭޓް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ޕްލާންޓޭޝަން އިންޑަސްޓްރީސް Hon. Lohan Rathwatha އެވެ.
މި ބައްދަލުވުމުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ކުރިއެރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ލިބެން ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ. ހަމަ މިއާއެކު މިސަރަހައްދުގެ ކާނާގެ ޔަޤީންކަން އިތުރުކުރުމަށާއި އަދި ނިއުޓްރިޝަން ރަނގަޅުކުރުމަށާއި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުމަށްޓަކައި ކުރެވިދާނެ ކަންތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.
މި ބައްދަލުވުމުގެ ތެރެއިން، 'ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް' (ސިޑްސް)، ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތައް ނުވަތަ 'ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް' (އެލް.ސީ.ޑީ) އަދި 'ލޭންޑްލޮކޮޑް ޑިވެލޮޕިންގް ކަންޓްރީސް' (އެލް.އެލް.ޑީ.ސީ) އަށް ނިސްބަތްވާ ޤައުމުތަކުގެ ސްޕެޝަލް މިނިސްޓީރިއަލް ސެޝަން އެއް 19 ވަނަ ދުވަހު އޮންނާނެއެވެ. މި ސެޝަން ގައި ޑރ.އާއިޝަތު ރަމީލާ ބައިވެރިވެވަނޑައިގެން ރާއްޖެ ތަމްސީލުކުރައްވާނެއެވެ.
މީގެ އިތުރުން، ފެބްރުއަރީ 20 ވަނަ ދުވަހު ޑރ.އާއިޝަތު ރަމީލާ، ކާނާއި ދަނޑުވެރިކަމާއި ބެހޭ ރާއްޖޭގެ މުއައްސަސާ ތަމްސީލް ކުރާ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން، ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ހާލަތާއި، އިޤްތިސާދާއި އަދި އިސްކަންދޭ ދާއިރާތަކާއި ގުޅޭގޮތުން 'ކަންޓްރީ ސްޓޭޓްމަންޓް' އެއް ދެއްވާނެއެވެ. މި ސްޓޭޓްމަންޓްގައި މޫސީމީ ބަދަލުތަކާއި ގުޅިގެން ދަނޑުވެރިކަމާއި، މަސްވެރިކަން އަދި މެރިކަލްޗަރ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ފާހަގަކުރައްވައި މި ގޮންޖެހުންތައް ކުޑަކޮށް ކާނާގެ ޔަގީންކަން އިތުރުކުރުމަށް މި ދާއިރާއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާނެއެވެ.