29 ޖެނުއަރީ 2025
ރާއްޖޭގެ ކަނޑޫފާ ބިންތަކުގައި އަންހެނުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދައުރާ ބެހޭގޮތުން މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަން ގެ ފަރާތުން ތައްޔާރުކޮށްފައިވާ ދިރާސާ، ވަޒީރު ޑރ. މަރިޔަމް މާރިޔާ އިފްތިތާޙްކޮށްދެއްވައިފިއެވެ.
މި ދިރާސާ، އިފްތިތާޙް ކޮށްދެއްވީ އެކަމަށްޓަކައި "މީރުމާ ހޮޓެލް" ގައި ބޭއްވި ހަފްލާއެއްގައެވެ.
މި ހަފްލާގައި ވަނީ އަންހެނުން، ބޮނބިން ރޯނު އުފައްދާ، އެތަކެތިން ގަހަނާ ތައްޔާރުކޮށް މާކެޓަށް ނެރުމަށް ބްރޭންޑެއް ތައާރަފްކޮށްފައެވެ. އަދި ބޮނބިން އުފައްދާ ރޯނުން ގަހަނާ ތައްޔާރުކުރަން ދަސްކޮށްދިނުމަށް ބޭއްވި ކޯހުގެ ބައިވެރިން ތައްޔާރުކޮށްފައިވާ ގަހަނާތައް ދައްކާލުންވެސް އޮތެވެ.
ރޯނުވެށުމާއި އޭގެއިތުރުންވެސް ކަނޑޫފާ އަދި ފަޅުތެރޭގެ ދިރުންތަކާ ގުޅުންހުރި މަސައްކަތްތަކުން އަންހެނުން ރަށްރަށުގެ އިޤްތިޞާދު ދެމެހެއްޓުމުގައި އަދާކުރާ ދައުރު ވަރަށް މުހިންމެވެ. އެހެންނަމަވެސް، މާކެޓަށް ވާސިލުވުމުގެ ފުރުޞަތު މަދުވުމާއި، އަގުބޮޑުވުމާއި، ރަސްމީ ތަޢުލީމު ނެތުން ފަދަ ގޮންޖެހުންތަކުގެ ސަބަބުން އެމީހުންގެ ޤާބިލުކަން ހަނިވެގެންދެއެވެ. މި އަންހެނުންނަށް ބާރުވެރިކަން ދިނުމަށާއި ދެމެހެއްޓެނިވި އަދި ހަމަހަމަ ދިރިއުޅުމެއް އުފެއްދުމަށްޓަކައި ރަސްމީކޮށް ބަލައިގަތުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ރާއްޖޭގައި ބޮނބިން ރޮނު އުފައްދާ އޭގެއިން އެކި ކަންކަމުގައި ބޭނުންކޮށް އުޅުނެވެ. އެހެންނަމަވެސް މިހާތަނަށް ވެސް މި މަސައްކަތްތަށް އިތުރަށް ކުރިއެރުވުމަށް މަސައްކަތްތަކެއްކުރެވިފައެއްނެތެވެ. ރާއްޖޭގެ އަމިއްލަ އުފެއްދުންތައް އިތުރުކޮށް އިޤްތިޞާދީ ގޮތުން ބާރުވެރިވުމަށް މަސައްކަތްތައް ކުރަމުން އަންނަ ދަނޑިވަޅެއްގައި މިފަދަ ބްރޭނޑެއް ތައާރަފްކުރުމަކީ ހުޅުވިގެންދިޔަ ފަހި ފުރުސަތަކަށް ވާނެއެވެ.