29 ޖެނުއަރީ 2025
ރާއްޖެގައި އުފެދިަފއިވާ ޗަސްބިންތަކާއި ކަނޑޫފާ އަދި ކަނޑު ފަޅުތަކުގެ މައްޗަށް ބިނާކޮށްގެން ދިރިއުޅުމުގެ މަސައްކަތްތައް ކުރާ އަންހެނުންގެ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ފެނުމަކީ ހަގީގަތުގައިވެސް ވަރަށް ބޮޑަށް ހިތްވަރު ލިބިގެންދިޔަ ކަމެއްކަމަށް ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ
އެކަމަނާ މިހެންވިދާޅުވީ ކެނެޑާ ފަންޑުގެ އެހީގައި، މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން، ކުރިޔަށް ގެންދިޔަ ކަނޑޫފާ ބިންތަކުން އަންހެނުން ކުރަމުން އަންނަ އިޤްތިޞާދީ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން، ބޮނބިން އުފައްދާ ރޯނުން ގަހަނާ ތައްޔާރުކުރުމުގެ ކޯހުގެ ބައިވެރިންގެ ތަކެތި ބައްލަވާލެއްވުމަށްފަހުއެވެ.
އެކަމަނާ އެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންހެނުންނަށް ބާރުވެރިކަން ދިނުމުގައި މޯލްޑިވްސް ވެޓްލޭންޑް ފައުންޑޭޝަނުން ކުރާ މަސައްކަތަށާއި، މި މުހިންމު މަސައްކަތަށް އެހީތެރިވެދެއްވާތީ ކެނެޑާ ފަންޑަށް ޝުކުރުވެރިވާކަމަށވެ. އަދި މިފަދަ މަސައްކަތްތަކެއް ދަސްކޮށްދެއްވާ، ބްރޭޑެއް ތަޢާރަފް ކުރެވިގެން ދިއުމަކީ ދެމެހެއްޓެނިވި، ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް ބިނާކޮށްގެން ކުރެވޭ މަސައްކަތްތަކުން އިތުރު ނަފާ ނެރެވޭ ކަމެއްކަމަށެވެ.
ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ ރާއްޖޭގެ ކަނޑޫފާ ބިންތަކުގައި އަންހެނުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދައުރާ ބެހޭގޮތުން މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަން ގެ ފަރާތުން ތައްޔާރުކޮށްފައިވާ ދިރާސާ، އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އެއަށް ފަހު، ބޮނބިން އުފައްދާ ރޯނުން ގަހަނާ ތައްޔާރުކުރުމުގެ ތަމްރީންގައި ބައިވެރިވި ބައިވެރިންނާއި ބައްދަލު ކުރައްވާ، އެ ކަނބަލުންގެ މަސައްކަތްތައް ބައްލަވާލައްވަވާފައެވެ.