13 މާރިޗު 2024
ފިޔަގަނޑު ބިންދައިގެން ގޮސްފައިވާ މާކަނާއެއް މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި، މާލެ ސިޓީ ރަސްފަންނުން، ސަލާމަތްކުރެވިފައިވެއެވެ. މި މާކަނާގެ ނަމަކަށް ދެވުނީ 'މާކޭ' އެވެ. މި މާކަނާ ސަލާމަތްކޮށް އެއަށް ބޭނުންވާ ފަރުވާ ހޯދަދިނުމުގައްޔާއި، އެ ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ މަސައްކަތް ކާމިޔާބު ކުރެވިފައިވަނީ، ސަރުކާރު އިދާރާތަކާއި، އެން.ޖީ.އޯތަކާއި، ޖަނަވާރަށް ފަރުވާ ކުރާ ހޮސްޕިޓަލަކާއި އާންމުންގެ ތެރެއިން ޖަނަވާރުންނަށް އެހީތެރިވުމުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެންނެވެ.
މާކޭ ފުރަތަމަ ފެނުނީ ރަސްފަންނުންނެވެ. މާކޭ ފެނުންއިރު މާކޭގެ ފިޔަގަނޑު އޮތީ ވަރަށް ބޮޑަށް ބިންދައިގެން ގޮސް ވެލި ވަދެ ވަރަށް ބޮޑަށް އިންފެކްޓްވެފައެވެ. މީގެ އިތުރުން މާކޭގެ ދެފިޔަވެސް ހުރީ ކޮށާފެއެވެ. އެހެންކަމުން މާކޭއަށް ވަނީ ވަރަށްބޮޑަށް އެހީތެރިކަން ބޭނުންވެފައެވެ.
މާކޭ ސަލާމަތްކުރީ އާމުންގެ ތެރެއިން ދެމެފިރިއަކުއެވެ. އެ ދެމަފިރިންނަކީ ޖަނަވާރުންނަށް ލޯބިކުރާ، ޖަނަވާރުންނަށް އެހީތެރިވުމުގެ ގޮތުން ވޮލެންޓިއަރ ކުރާ ބައެކެވެ. މިދެމެފިރިންނާއި ރާއްޖޭގައި އަލަށް ގާއިމުކުރެވުނު އެން.ޖީ.އޯއެއް ކަމުގައިވާ ވެލްފެއަރ ފޮރ އައިލެންޑް ކެޓްސްއާއި ގުޅިގެން ވަގުތުން މާކޭއަށް ފަރުވާ ދިނުމަށް މަސައްކަތް ފެށިއެވެ.
މާކޭގެ ފިޔަގަނޑު ބިންދައިގެން ދިޔަތާ ފަސްވަނައަށްވީ ދުވަހު އެދެމަފިރިން މާކޭ ނަގައިގެން ފަރުވާ ކުރުމަށް އޮއޭސިސް ވެޓް ހޮސްޕިޓަލަށް ގެންދިއައެވެ. މާކޭގެ ފިޔަގަނޑު ބިނދި ކަށި ބޭރަށް ނުކުމެ ޒަހަމްވެފައިވާ ތަން އިންފެކްޓްވުމުގެ ސަބަބުން މާކޭގެ ޙާލު ވަރަށް ދެރަވިއެވެ. އަދި އެއް މަސްވަންދެން އޮއޭސިސް ވެޓް ހޮސްޕިޓަލުގައި މާކޭގެ ފަރުވާ ކުރިއަށްދިޔައެވެ. މިގޮތުން އިންފެކްޝަންގެ ސަބަބުން މާކޭގެ ފިޔަގަނޑުވެސް ބުރިކޮއްލަން ޖެހުނެވެ.
މާކޭއަށް ބޭނުންވާ ފަރުވާ ހޯދީ އޮއޭސިސް ވެޓެރިނަރީ ހޮސްޕިޓަލުން ވެލްފެއާރ ފޯރ އައިލެންޑް ކެޓްސް އެން.ޖީ.އޯގެ ހަރަދުގައެވެ. އަދި ފަރުވާ ކުރިއަށް ދިޔަ އެއްމަސް ދަވަހުގެ މުއްދަތުގައި މާކޭއަށް ކާންދީ ބެލެހެއްޓީ މާކޭ ހޮވި ދެމެފިރިންގެ އަމިއްލަ ގޭގައެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާރޒްގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޒުހުރާ ލީޑް ނަންގަވައިގެން މިކަމުގައި ބޭނުންވާ ހުއްދަތަކާއި ބޭނުންވާ އެހެނިހެން ލީގަލް ކަންތައް ކުރުމަށް އީ.ޕީ.އޭ އާއި ގުޅިގެން މަސައްކަތްކުރިއެވެ. މިކަންތަކުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާރޒް ގެ އިސް ބޭފުޅުންގެ މަސައްކަތާއި އެހީތެރިކަމާއި އީ.ޕީ.އޭގެ ލަފަޔާއި ނުލާ މާކޭގެ ފަރުވާ ކުރިއަށް ނުދިޔައީހެވެ. މިއީ މާކަނާ އަކީ ގާނޫނީ ގޮތުން ހިމާޔަތް ދީފައިވާ ޖަނަވާރަކަށް ވީނަމަވެސް މިފަދަ ޖަނަވާރަށް ފަރުވާކުރަން އެއްވެސް އުސޫލެއް ކުރިން ގާއިމް ވެފައި ނުވާތީއެވެ.
މާކޭގެ ސާޖަރީއަކީ ރާއްޖޭގައި ކުރެވުނު އެއްމެ ފުރަތަމަ މާކަނާ ސާޖަރީއެވެ. މިހެންކަމުން ހޭނައްތަން ބޭނުންކުރާ މާސްކްތަކާއި، ސާޖަރީއަށް ބޭނުންވާ ބައެއް އާލަތްތައް ޖެހުނީ ރާއްޖެއިން ލިބޭ އާއްމު ތަކެތިން ހަދާށެވެ. މި ސާޖަރީ ކޮށްފައިވަނީ އޮއޭސިސް ވެޓް ހޮސްޕިޓަލުގެ ޑރ. ގަންގާ ވިޖެސިންގެ ލީޑުގެ ދަށުން ޓީމަކުންއެވެ. އަދި މި ސާޖަރީގައި ރާއްޖޭގެ ފުރަތަމަ ޖަނަވާރުންގެ ޑޮކްޓަރުކަމުގައިވި ޑރ. ޙުސައިން މިސްފާހް ސާމީ ވެސް ބައިވެރިވެ އެހީތެރިވިއެވެ.
މާކޭގެ ފަރުވާއަށް ފަހު މާކޭއަށް ހިޔާވަހިކަން ހޯދުމަށް މަސައްކަތްކުރީ މާކޭގެ އެއް ފިޔަ ނެތުމުގެ ސަބަބުން ދޫކޮއްލެވެން ނެތީމައެވެ. މާކޭ އަކީ ގެއެއްގެ ގެންގުޅެވޭފަދަ ދޫންޏެއްކަމަށް ނުވުމުން މާކޭ އަށް ރައްކާތެރި މާހައުލެއް ހޯދުމަށް ކުރި މަސައްކަތުން އެމަރަލްޑް ރިސޯޓަށް އެހީތެރިކަމަށް ޑެޕިއުޓީ މިނިސްޓަރ އޮފް މިނިސްޓްރީ އޮފް އެގަރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ (ފާތިމަތު ޒުހުރާ)، މާކޭ އަށް ހިޔާވަހިކަމެއް ދިނުމަށް އެދި ދެންނެވުމުން، އެމަރެލްޑް ރިސޯޓުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނެވެ. މިގޮތުން މާކޭ ގެންދިއުމަށް ވަކިން ލޯންޗެއް ހަމަޖައްސައި އަދި މާކޭ ހުންނަން އެމަރަލްޑް ރިސޯޓްސްގެ އަތިރިމަތިން މާކޭއަށް ވަކި ސަރަހައްދެއް ހާއްސަކޮއްފައި އެ ސަރަހައްދުގައި މާކޭއަށް ހިމާޔަތް ލިބޭނެހެން ހުރިހާ އިންތިޒާމެއް ގާއިމުކުރިއެވެ. އަދި ކުރިމަގުގައި މާކޭއަށް ބޭސްކުރުމާއި މާކޭ ބެލެހެއްޓުމުގެ ޒިންމާ އެމެރަލްޑް ރިސޯޓްސްގެ އިސްބޭފުޅުންކަމަށްވާ ހުސައިން ސާލިމް އާއި އާދަމް ސާލިމް ހާއްސަކޮށް ނެގިއެވެ.
އެމެރަލްޑް ރިސޯޓުންދަނީ މާކޭއަށް ކާންދިނުމުގެ އިތުރުން މާކޭގެ އެންމެހައި ކަންތައް ވަރަށް ގާތުން ބަލަމުންނެވެ. އަދި މިހާރު މާކޭގެ ހާލުދަނީ ރަނގަޅުވަމުންނެވެ.
ރައިސުލްޖުމްހޫރިއްޔާގެ އޮފީސް މާލެ, ދިވެހިރާއްޖެ