15 އޮކްޓޯބަރު 2024
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މިއަދު ހެނދުނު ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަށް ޚާއްޞަކޮށްގެން ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޕެނަލް ޑިސްކަޝަން ބޭއްވުނީ މިއަދު ހެނދުނު 9:30 އިން 11:30 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. ޕީއެސްއެމްއިން ލައިވްކޮށް ބްރޯޑްކާސްޓްކުރި މި ޑިސްކަޝަންގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙުމޫދު ޝަޢުޤީއެވެ.
މި ޕެނަލް ޑިސްކަޝަންގައި އަލިއަޅުވާލާފައިވަނީ ފައިދާހުރި ކާނާ، ކާނާގެ ޔަޤީންޤީންކަން، ކާނާގެ ރައްކާތެރިކަން، ހަލާކުވެގެން އުކާލެވޭ ކާބޯތަކެތި މަދުކުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ފަދަ މިއަހަރުގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ ޝިޢާރާއި ގުޅުންހުރި މައުޟޫޢުތަކަށެވެ.
މި ޕެނަލް ޑިސްކަޝަންގައި މަޢުލޫމާތު ދެއްވުމަށް އެކި ދާއިރާތަކުން 5 ޕެނަލިސްޓުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހިންގެ ތެރެއިން ދަނޑުވެރިކަމުގެ ދާއިރާއިން އެންމެ ފުރަތަމަ ޕީއެޗްޑީ ޙާޞިލްކުރެއްވި ޑރ. އާމިނަތު ޝާފިއާ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް މަނިކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ (ނިއުޓްރިޝަން) އަލްފާޟިލާ ފާޠިމަތު ޠާހިރާ، އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް އިބްރާހިމް ފިރުޝާން އަދި ސޯޝަލް މީޑިއާގައި "ޒުވާން ދަނޑުވެރިޔާ" ގެ ނަމުން މަޝްހޫރުވެފައިވާ އަލްފާޟިލް ޢަބްދުﷲ ރަމްޒީއެވެ.
މި ޕެނަލް ޑިސްކަޝަނަކީ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ދާއިރާގައި ހުރި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކޮށް، ހައްލުތަކެއް ހޯދުމަށް މަގުފަހިކޮށްދޭނެ މުހިންމު ފުރުޞަތެއް ކަމުގައި ބެލެވެއެވެ.