މާލޭގައި ޓެރެސްގާއާއި ގޯތިތެރޭގައި ގަސް ހައްދާ ފަރާތްތަކާއި މިނިސްޓަރ ބައްދަލުކުރައްވައިފި

09 ސެޕްޓެމްބަރު 2024

މާލޭގައި ޓެރެސްގާއާއި ގޯތިތެރޭގައި ގަސް ހައްދާ ފަރާތްތަކުން އެދުނު އެދުމަކަށް އިޖާބަދެއްވައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ.ޢައިޝަތު ރަމީލާ ވަނީ މިއަދު އެ ފަރާތްތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ރަމީލާ ވަނީ މާލޭގައި ގަސް ހެއްދުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެ ދަތިތައް އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން، މިނިސްޓަރ ވަނީ މި ދަތިތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ދެއްވައި، އުސޫލުތަކުގެ ތެރެއިން ކުރެވެން ހުރި ކަންކަން ބަޔާންކޮށްދެއްވައި، އެކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދެއްވާފައެވެ.

މި ބައްދަލުވުމަކީ މާލޭގައި ގަސް ހައްދާ ފަރާތްތަކުން އެދިގެން ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ސަރުކާރުން މި ދާއިރާއަށް ދެއްވާ އަހައްމިއްޔަތުކަން މިނިސްޓަރު އޮޅުން ފިލުއްވައިދެއްވިއެވެ. އަދި މިދާއިރާ ތަރައްގީކުރުމަށް ރައްޔިތުންގެ އަޑުއަހައި އެފަރާތްތަކާއި ގުޅިގެން ކަންކަން ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަން މިނިސްޓަރު ހާމަ ކުރެއްވިއެވެ.

މިފަދަ ބައްދަލުވުންތަކުން މި މަސައްކަތް އިތުރަށް ކުރިއަރައި، ގިނަ ބަޔަކު މިކަމުގައި ބައިބައިވެރިވުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމައް މިނިސްޓަރ ރަމީލާ ވިދާޅުވިއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު