ހއ. މާރަންދޫ ކައުންސިލުން މިނިސްޓްރީ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

25 އޯގަސްޓު 2024

ހއ. މާރަންދޫ ކައުންސިލުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނަސީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހއ. މާރަންދޫގައި ދަނޑުވެރިކަން އަލުން ދިރުވައި، ތަރައްޤީކުރުމާ ގުޅޭ ކަންކަމެވެ. މީގެ ތެރޭގައި ރުއް އާލާކުރުމާއި، ރުކަށް ޖެހިފައިވާ ބަލިތަކުން ރުއްތައް ރައްކާތެރިކުރުމުގެ މައްސަލަތައް ހިމެނެއެވެ. އަދި ދަނޑުވެރިންނަށް ބިން ދޫކުރުމާއި، އަލަށް ދަނޑުވެރިކަން ފަށާ ފަރާތްތަކަށް ބިން ދޫކުރުމުގައި ކައުންސިލުން ނިންމާފައިވާ ނިންމުންތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެވުނެވެ.

ހއ. މާރަންދޫއަކީ ކުރީގައި ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ރަށެއް ނަމަވެސް، ފަހަކަށް އައިސް މި ދާއިރާއިން ފަހަތަށް ޖެހިފައިވާ ރަށެކެވެ. މި ހާލަތު ބަދަލުކުރުމަށްޓަކައި، ދަނޑުވެރިންނަށް އިތުރު ތަމްރީނު ދިނުމާއި، ޒަމާނީ ދަނޑުވެރިކަން ތަޢާރަފުކުރުމާއި، ދަނޑުވެރި ނަފާ ލޯނު ފަދަ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މިނިސްޓްރީގެ ފަރާތުން ވަނީ ހއ. މާރަންދޫގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާ ފަންނީ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކައުންސިލުން ދަނޑުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ، އެކަން ފާހަގަކުރައްވާފައިވެއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު