28 މާރިޗު 2024
އާދަޔާއި ހިލާފަށް މާލެ ސަރަހައްދުގައި ބުޅާތައް ގިނަވެފައިވާ މައްސަލައަކީ، ރައްޔިތުން ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާ ޒަމާންވީ މައްސަލައެކެވެ. މި ކަމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ބުޅާތަކަށް ވަނީ ސިއްހީގޮތުންނާއި ތަފާތު އެކިގޮތްގޮތުން އުނދަގޫތައް ކުރިމަތިވެފައެވެ. މި މައްސަލައަށް މިވީހާތަނަށް ހައްލެއް ގެނެވިފައި ނުވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހަފްތާ 14 ވައުދުތަކުގެ ދަށުން މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. މިގޮތުން މި މައްސަލައިގެ ހައްލެއްގެ ގޮތުން ޕެޓް ކެއަރ ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ހުޅުމާލެ ފޭސް 2 ގައި މި ޕެޓް ކެއަރ ފެސިލިޓީއެއް ގާއިމްކުރުމަށް މިއަދުވަނީ ބިންގާއަޅުއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. މި ޕެޓްކެއަރ ފެސިލިޓީގެ ބައުންޑަރީ ފެންސުގެ މަސައްކަތް ވަނީ 19 މާރިޗު 2024ގައި ފެށިފައެވެ.
މި ވަގުތީ ކެޓް ޝެލްޓަރއަކީ މާލެ ސަރަހައްދުގެ ޕާރކްތަކާއި މަގުމަތީގައާއި އަދި މިނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާތައް ގިނަވެފައިވުމުން އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި ސާފު މާހައުލެއް ގާއިމް ކުރުމަށް ހުޅުވޭ ފެސިލިޓީއެކެވެ. މީގެ އިތުރުން ގޭގޭގައި ގެންގުޅޭ ބުޅާތަކަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ މި ފެސިލިޓީއިން ލިބިގެންދާނެއެވެ. މި ފެސިލިޓީ ގާއިމްކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް، ބުޅާތައް ގިނަވެފައިވުމުން ދިމާވެފައިވާ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެއެވެ. އެގޮތުން މި ފެސިލިޓީ މެދުވެރިކޮށް، ބުޅާތަކަށް ބޭނުންވާނެ ފުރިހަމަ އަޅާލުންލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބުޅާތައް ކަރަންޓީން ކުރެވޭ ސަރަހައްދަކާއި، ކްލިނިކްއަކާއި، ފާރމަސީއާއި، ލެބޯޓްރީ، އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ. މި ވަގުތީ ކެޓް ޝެލްޓަރ ގާއިމްކުރުމުގެ ސަބަބުން މާލެ ސަރަހައްދުގެ ބުޅާތައް ގިނަވެފައިވުމުން ކުރިމަތިވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.