ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ ޤާއިމްކުރުމަށް

29 އޯގަސްޓު 2024

ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީއެއް ޤާއިމުކުރުމަށް ތިން ފަރާތެއްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ. މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލާ އައިޝަތު ރަމީލާ އާއި ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު އަލްފާޟިލް އަބްދުﷲ ޙާނިސް މޫސާއެވެ. އޭގެ އިތުރުން، ފުވައްމުލަކު ސިޓީގެ ފަރާތުން ސިޓީ މޭޔަރު އަލްފާޟިލް އިސްމާޢީލް ރަފީޤް ވެސް މި އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ. މި އެއްބަސްވުމަކީ ޤައުމީ ފެންވަރުގައި ދަނޑުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ލެބޯޓަރީގެ މައިގަނޑު މަޤްޞަދަކީ ގަސްތަކުގެ ބަލިތައް ދެނެގަނެ، ކޮންޓްރޯލްކޮށް، ފަރުވާދިނުމަށް ދަނޑުވެރިންނަށް އެހީތެރިވުމެވެ. މިހާތަނަށް ރާއްޖޭގައި ދަނޑުވެރިކަމުގެ ލެބޯރެޓަރީއެއް ނެތުމުން، ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުތައް ހަދަންޖެހޭތީ ޚަރަދު ބޮޑުވެ، ގޮންޖެހުންތަކާ ކުރިމަތިވެފައިވާއިރު، މި މަޝްރޫއުގެ ސަބަބުން ދަޑުވެރިންނަށް ގިނަގުނަ މަންފާ ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި ލެބޯޓަރީގައި ޕްލާންޓް ޕެތޮލޮޖީ، އެންޓޮމޮލޮޖީ، ސޮއިލް ސައިންސް، އަދި ޕްލާންޓް ޓިޝޫ ކަލްޗަރގެ ޚިދުމަތްތައް ފޯރުކޮށްދިގެންދާނެއެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލެބޯރެޓަރީ އިމާރާތްކުރުމުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދަނޑުވެރިކަން ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. މި މަޝްރޫޢުއަށް ސަރުކާރުން 11 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، ބޭނުންވާ އިކުއިޕްމަންޓްތައް މިހާރު ވަނީ ގަނެ ފުވައްމުލަކަށް ގެނެވިފައެވެ. މީގެ އިތުރުން، މުވައްޒަފުން ހޯދައި ތަމްރީނުކުރުމުގެ މަސައްކަތްތައް ވެސް ވަނީ ފެށިފައެވެ. މި މަޝްރޫޢުގެ ސަބަބުން ޤައުމީ ފެންވަރުގައި ދަނޑުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދެވެނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ މުހިންމު އެއްބާރުލުމާ އެކުގައެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ބެލެހެއްޓުމާއި، ކޮންޓްރެކްޓަރުގެ މަސައްކަތްތަކަށް އެހީތެރިވުމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލާއެކު ވަކި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ. މި ޤައުމީ ލެބޯޓަރީ ޤާއިމުކުރެވުމުން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށާއި ޚާއްޞަކޮށް ފުވައްމުލަކު ސިޓީގެ އިޤްތިޞާދަށް ފާހަގަކުރެވޭފަދަ ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ. މި މަޝްރޫޢަކީ ސަރުކާރާއި ލޯކަލް ކައުންސިލްތަކާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން ކުރިއަށް ގެންދާ ނަމޫނާ މަޝްރޫޢެއްގެ ގޮތުގައި ވެސް ފާހަގަކުރެވެއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު