ފަނަރަ މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ނިންމައިފި

22 މޭ 2024

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިންގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 15،188،700.0 (ފަނަރަ މިލިއަން އެއްސަތޭކަ އައްޑިހަ އަށްހާސް ހަތްސަތޭކަ) ރުފިޔާގެ މެޗިން ގްރާންޓް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ވަނީ ނިންމާފައެވެ. މި ގްރާންޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް، އެޕްރީލް 2024 ގެ ތެރޭގައި މިނިސްޓްރީ އޮފް ފައިނޭންސް، އެސްޑީއެފްސީ އަދި މިމިނިސްޓްރީއިން ވަނީ އެމް.އޯ.ޔޫ އެއްގާވެސް ސޮއިކުރެވިފައެވެ.

"ދަނޑުވެރި މަންފާ" ގެ ނަމުގައި ކުރިއަށްގެންދާ މިޕްރޮގްރާމް ޢަމާޒުކޮށްފައިވަނީ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ. ގްރާންޓް ގެ އެކި ފިޔަފަހިތަކަށް ބެހިފައިވާއިރު، ފުރަތަމަ ފިޔަފަހި މި ހުޅުވާލެވެނީ ހަމައެކަނި ޕްރޮޑަކްޝަންއަށެވެ. މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ޤާއިމްކޮށްގެން ދަނޑުވެރިކަންކުރުމަށެވެ. މި ގްރާންޓް ސްކީމްގެ މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް މިހާރުވެސް ޕްރޮޖެކްޓްގެ ރަށްތަކުގައި ކުރިއަށް އެބަދެއެވެ. އަދި ސްކީމްގެ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްޑީއެފްސީ ޕޯޓަލްއިން 25 ޖޫން 2024 އިން ފެށިގެންނެވެ. އިޢުލާން ކުރާތާ އެއްމަސްދުވަހުގެ މުއްދަތެއް އެޕްލިކޭޝަން ހުށަހެޅުމާއި ދެމެދު ދެވިފައިވަނީ މި ސްކީމަކީ ފުރަތަމަ ހުށަހަޅާ އެޕްލިކޭޝަންތަކަށް ފުރަތަމަ ގްރާންޓް ދޫކުރާގޮތަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމުން، ދަނޑުވެރިންނަށް އެޕްލިކޭޝަނަށް ބޭނުންވާ ހުރިހާ ލިޔެކިއުންތައް ތައްޔާރުކުރުމަށް ފުރުޞަތު ދިނުމުގެގޮތުންނެވެ.

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)އަކީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިގޮތުން 26 ރަށުގައި އެރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގްރޫޕްތަކެއް ޤާއިމްކޮށް އެފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މަޢުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވެމުންގެންދެވެއެވެ. ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ އަދި މެލަން ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ. މީގެ ބޭނުމަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަޙުލުވެރިކުރުވުމެވެ. އަދި މި ޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުމެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު