25 ޖޫން 2024
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގައި ހިންގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 15،188،700.0 (ފަނަރަ މިލިއަން އެއްސަތޭކަ އައްޑިހަ އަށްހާސް ހަތްސަތޭކަ) ރުފިޔާގެ މެޗިން ގްރާންޓް ޕްރޮގްރާމެއް ދަނޑުވެރި މަންފާގެ ނަމުގައި ވަނީ 22 މެއި 2024 ގައި އާންމުކޮށް އިޢުލާން ކޮށްފައެވެ. އަދި މި ގްރާންޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި، އެޕްރީލް 2024 ގެ ތެރޭގައި މިނިސްޓްރީ އޮފް ފައިނޭންސް، އެސްޑީއެފްސީ އަދި ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއިއެކު ވަނީ އެމް.އޯ.ޔޫ ގައި ސޮއި ކޮށްފައެވެ.
ދަނޑުވެރި މަންފާ ލޯން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުޞަތު ވަނީ މިއަދު މާގިރި ހޮޓަލްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔަތެއްގައި ހުޅުވާލަފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ""ދަނޑުވެރި މަންފާ" ލޯން އެޕްލިކޭޝަން ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އާއިޝަތު ރަމީލާއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިނޭންސް އިތުރުން އެސްޑީއެފްސީ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
"ދަނޑުވެރި މަންފާ" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް ޢަމާޒުކޮށްފައިވަނީ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ. ގްރާންޓް ގެ އިތުރު ބުރުތައް ހިންގުމަށްހަމަޖެހިފައިވާ އިރު ފުރަތަމަ ބުރު މި އަމާޒުކުރެވެނީ ހަމައެކަނި ޕްރޮޑަކްޝަންއަށެވެ. މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ޤާއިމްކޮށްގެން ދަނޑުވެރިކަންކުރުމަށެވެ. މި ގްރާންޓް ޕްރޮގްރާމްގެ މަޢުލޫމާތު ދަނޑުވެރިންނާއި އަދި ކައުންސިލްތަކާއި ހިއްސާކުރުމުގެ ސެޝަންތައް، ޕްރޮޖެކްޓްގެ ރަށްތަކުގައި ޖޫން މަހުގެ ތެރޭގައި ކުރިއަށް ގެންގޮއްސައެވެ. އަދި 25 ޖޫން 2024 އިން ފެށިގެން އެސްޑީއެފްސީ ޕޯޓަލްއިން އެޕްލިކޭޝަން ބަލައިގަތުން ފެށިގެންދާނެއެވެ.
މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮޖެކްޓް (މެޕް) އިން 26 ރަށުގައި އެރަށްރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގްރޫޕްތަކެއް ޤާއިމްކޮށް އެފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މަޢުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ވަނީ ކޮށްދީފައެވެ.ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ އަދި މެލަން ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ. މީގެ ބޭނުމަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަޙުލުވެރިކުރުވުމެވެ. އަދި މި ޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުމެވެ.