01 ޖުލައި 2024
މި މިނިސްޓްރީ އާއި UNDP އަދި އެގްރޯ ނެޝަނަލް ކޯޕަރޭޝަން ގުޅިގެން ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓް ފޮރ ޑިވެލޮޕިންގް ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އެކޮނޮމީ(PDSAE) ގެ ދަށުން، އެގްރޯނެޓްގެ މުވައްޒަފުންގެ މެދުގައި ދަނޑުވެރިކަމުގެ ހުނަރާއި އިލްމީ ޤާބިލުކަން އިތުރު ކުރުމަށްޓަކައި 18 ދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް މިއަދު ވަނީ ހދ.ހަނިމާދޫގައި ރަސްމީކޮށް ފައްޓަވައި ދެއްވާފައެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާ އެވެ.
މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ އެގްރޯނެޓްގެ 14 މުވައްޒަފަކު ބައިވެރިވެ ވަޑައިގަންނަވައެވެ. ޕްރޮގްރާމްގެ ބައިވެރިން މިތަމްރީން ޕްރޮގްރާމްގެ ފުރަތަމަ 12 ދުވަސް ހޭދަކުރާނީ ހަނިމާދޫގައެވެ. ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ކްލާސްތަކުގެ އިތުރުން ހއ. މާފަހީގައި ކުރާ ދަނޑުވެރިކަމުގެ މަސައްކަތްތަށް ބަލައި އަމަލީ ތަޖުރިބާ ޙާޞިލް ކުރުމަށްފަހު މިމަހުގެ 13 ވަނަ ދުވަހު ބައިވެރިން އެނބުރި އެބޭފުޅުން ވަޒީފާ އަދާކުރައްވަމުން ގެންދަވާ ރަށްރަށަށް ވަޑައި ގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ޕްރޮގްރާމްގެ ބާކީ 6 ދުވަހުގެ ސެޝަންތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.
މި ޕްރޮގްރާމްގައި ކިޔަވާދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައ ހިމެނެނީ ޕްލާންޓް ޕްރޮޕަގޭޝަން ޓެކްނިކްސް ނުވަތަ ކުދި ގަސް އުފައްދާނެ ތަފާތު ގޮތްތަކާއި ނާސަރީއެއްގައި ގަސް ބަލަހައްޓާ މެނޭޖްކުރާނެ ގޮތާއި، ގަސްހެއްދުމަށްޓަކައި ފަސްގަނޑު މުއްސަނދިކުރާނެ ގޮތާއި ގަހަށް ބޭނުންވާ އެކި ކަހަލަ މާއްދާތައް ނުވަތަ ނިއުޓްރިއެންޓްސް ގަހަށް ފޯރުކޮށްދޭނެ ގޮތްތަކާއި، ގަހަށްޖެހޭ ތަފާތު ބަލިތައް ދެނެގަނެ އެބަލިތަކުން ރައްކާތެރިވާނެ ގޮތާއި ބައްޔެއް ޖެހިއްޖެ ޙާލަތެއްގައި އަޅާނެ ފިޔަވަޅުތަކުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާނެ މޯލްޑިވްސް ގުޑް އެގްރިކަލްޗަ ޕްރެކްޓިސް ސްކީމްފަދަ މުހިންމު ކަންތައްތަކެވެ.
ތަމްރީން ޕްރޮގްރާމް ފައްޓަވާދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔައެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ދެއްކެވި ވާހަކަފުޅުގައި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގުމަށާއި ތަމްރީންގައި ލިބިދެވޭ މައުލޫމާތުގެ އަލީގައި ދަނޑުވެރިންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު އިހުނަށްވުރެ ރަނގަޅުކޮށް ހަރުދަނާކުރެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.