ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާ ކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއިއެކު ފަހުމް ނާމާއެއްގައި ސޮއިކޮށްފި

02 ޖުލައި 2024

މި އެއްބަސްވުމުގައި މި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢާއިޝަތު ރަމީލާއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒްއެވެ.

މި އެމް.އޯ.ޔޫގެ މަޤްސަދަކީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާ ގުޅޭ ޤަވާއިދުތަކާއި އުޞޫލުތަކާއި މިންގަނޑުތައް އެކުލަވާލުމުގައި ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލުމަށާއި، ދަނޑުވެރިކަމުގެ ދާއިރާގެ މަސައްކަތްކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ދިރާސާކުރުމުގެ ސަގާފަތެއް ޤާއިމުކޮށް ކުރިއެރުވުމާއި، މިފަދަ ދިރާސާތައް ކުރުމުގައި ދެ މުޢައްސަސާގެ ތަޖުރިބާ އާއި ފަންނުވެރިކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ޤާއިމުކުރެވިފައިވާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް މަގުފަހި ކުރުމާއި ދެމުއައްސަސާގެ މުވައްޒަފުންނަށާއި އާންމުންނަށް ބޭނުންވާ ތަމްރީންތައްދިނުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ، އެ ވުޒާރާގައި ދަނޑުވެރިކަމާ ގުޅޭ ޢިލްމީ ދިރާސާއާއި، މިހާރު ދަނޑުވެރިކަން އޮތްގޮތާއި ހާލަތު އެނގޭނެ ދިރާސާއެއް ހެދިފައި ނެތްކަމަށެވެ. މިފަދަ ދިރާސާއެއް ނެތުމުގެ ސަބަބުން މި ދާއިރާ ކުރިއަރުވަން ބޭނުންވާ ފައިސާ ހޯދުމާއި، ތަމްރީން ފުރުސަތުތައް ހޯދުމުގައިވެސް ވަރަށް ދަތިކަން އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބޭރުގެ ފަރާތްތަކާއެކު އެކިއެކި މުއާހަދާތަކުގައި އަދި އެއްބަސްވުންތަކުގައި ސޮއިކުރުމަށްވެސް ބޭސްލައިން އަންޑަސްޓޭންޑިންއެއް ނެތުމަކީ ދެރަ ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ ސިނާއަތައް ޒުވާނުން ނެރެ މި ދާއިރާއިން ކުރު މުއްދަތުގެ އަދި މަތީ ތައުލީމަށް ކިޔެވޭނެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު