ދަނޑުވެރިކަމަށް ބިން ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ކަމާ ގުޅުން ހުރި ތިން ދާއިރާގެ ވަޒީރުންނާއި މިނިސްޓަރ ޑރ ޢާއިޝަތު ރަމީލާ ބައްދަލުކުރައްވައިފި

30 ޖުލައި 2024

ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާަސަތު ތަންފީޒުކޮށް، އިގްތިސާދީ މަންފާ އެންމެ ފުރިހަމައަށް ދަނޑުވެރިންނަށް ހޯދައި ދިނުމުގައި ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަކަށް ބިން ހާއްސަ ކުރުމަކީ ކޮންމެ ހެން ކުރަންޖެހޭ ކަމަކަށް ވަތީ ކައުންސިލްތަކުން ލޭންޑް ޔޫސް ޕްލޭން ހެދުމުގައި މިހާރު ކަން ކުރާ ގޮތުގެ މައުލޫމާތު ހޯއްދެވުމަށް ގުޅުން ހުރި ތިން ދާއިރާގެ ވަޒީރުންނާއި މިނިސްޓަރ ޑރ ޢާއިޝަތު ރަމީލާ މިހަފްތާގައި ބައްދަލުކުރައްވައިފިއެވެ.

މި ފަދަ ބައްދަލުވުމެއް ކުރިއަށް ގެންދަވަން މިނިސްޓަރ ރަމީލާ ނިންމެވި މައިގަނޑު ސަބަބަކީ ބައެއް ކައުންސިލްތަކުން ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަަށް ދޫކޮށްފައިވާ ބިންތައް އެކި ބޭނުންތަކަށް ނެގުމުގެ މަސައްކަތް ކުރެވޭތީ، މި ކަމުގެ ސަބަބުން ދަނޑުވެރިންނަށް ދިމާވަމުން ދާގެއްލުންތަކަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުންނާއި ދަނޑުވެރިކަމުގެ ބޭނުމަށް ދިގު މުއްދަތަކަށް ބިން ކަނޑަ އަޅާފައި އޮތުމުން އިންވެސްޓު ކުރުމުގެ ޝައުގުވެރިކަން އިތުރުވެގެން ދާނެތީއެވެ.

ކައުންސިލުތަކުގެ ލޭންޑްޔޫސް ޕްލޭން ހަދާއިރު ދަނޑުވެރިކަމުގެ ބޭނުމަށް ބިންތަކެއް ޙާއްސަ ކުރުމަކީ ސަރުކާރުގެ ފުޑް ސެކިޔުރިޓީގެ ސިޔާސަތު ދަމަހައްޓަން ވެސް މުހިންމުކަމެއް ކަމަށް މި ބައްދުވުމުގައި މިނިސްޓަރ ރަމީލާ ވަނީ ވިދާޅުވެފައި.

ލެންޑް ޔޫސް ޕްލޭން ހެދުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަގުފަހިކުރެވޭނެ ކަންކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފަައެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ ހައިދަރު އަލީއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު