15 މޭ 2024
ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް)ގެ ސްޕެޝަލް ކްލައިމެޓް ޗޭންޖް ފަންޑުގެ އެހީ ހޯދުމަށް މިނިސްޓްރީން ހުށައެޅި " އަ ހޮލިސްޓިކް އެޕްރޯޗް ޓު ފުޑް ސިސްޓަމްސް ރެސީލިއަންސް އެންޑް އެޑެޕްޓޭޝަން އިން މޯލްޑިވްސް" (A Holistic Approach to Food Systems Resilience and Adaptation in Maldives) ކޮންސެޕްޓް ނޯޓު އެޕްރޫވުމާއި ގުޅިގެން މި ޕްރޮޖެކްޓުގެ ފުލް ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އިންސެޕްޝަން ވޯކްޝޮޕެއް 15 މެއި 2024 ވަނަ ދުވަހު މާލޭގައި ވަނީ ބާއްވާފައެވެ.
މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ.އައިޝަތު ރަމީލާއެވެ. އެކަމަނާގެ ވާހަކަފުޅުގައި ދަނޑުވެރިކަމާއި މަސްވަރިކަމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ދެ ސިނާއަތުކަމަށް ފާހަގަކުރައްވާ މި ސިނާއަތުގެ ހުރިހާ މަރުހަލާއެއްގައި ކްލައިމެޓް ސްމާޓް ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި އދ ގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމްއިއްޔާ (އެފް.އޭ.އޯ) އިން ސްރީލަންކާ އަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ވިމްލެންދްރާ ޝަރަން ބައިވެރިވެވަޑައިގެންފައި ވެއެވެ. މި އިންސެޕްޝަން ވޯކްޝޮޕްގައި ކަމާއި ގުޅޭ ސަރުކާރުގެ މުއައްސަސާތަކުންނާއި، ކަމާއިގުޅުންހުރި އެހެނިހެން މަސްލަހަތުވެރިން ބައިވެރިވެ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދަން ރާވާ ހަރަކާތްކާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވުނެވެ. މި ޕްރޮޖެކްޓް އަމާޒުކުރެވިފައިވަނީ ރާއްޖޭގެ ދެކުނަށެވެ. މި ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމަށް މިހާރު ކުރިއަށްގެންދާ އެސެސްމަންޓްސްތައް ނިމުމުން ޕްރޮޖެކްޓް ކުރިއަށްގެންދާނެ ރަށްތައް ފައިނަލްކުރެވިގެންދަނެއެވެ. މި ޕްރޮޖެކްޓްގެ ފުލް ޑޮކިއުމަންޓް ތައްޔާރުކޮށް މި އަހަރު ޑިސެމްބަރު މަހު ޖެފް އަށް ހުށައަޅަން ޖެހޭނެއެވެ.
މި ޕްރޮޖެކްޓުގެ މަޤުސަދަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން ކާނާ އުފެއްދުމުގެ ނިޒާމަށް (ފުޑް ސިސްޓަމްސް) ދިމާވާ ހިރާސްތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އެކަންތައްތަކަށް ޕްރޮޖެކްޓްގެ ތެރެއިން ހައްލުހޯދައިދިނުމަށް މަސައްކަތްކުރުމާއިއެކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ އިތުރުކުރުމަށް މަގުތަނަވަސްކުރުމެވެ. މިގޮތުން އަތޮޅުތަކުގެ ގިނައަދަދެއްގެ ބަޔަކު ނިއުޓްރިޝަންއަށާއި، އާމްދަނީ ހޯދުމަށް ބަރޯސާވާ ދެ ސިނާއަތްކަމުގައިވާ ދަނޑުވެރިކަމާއި މަސްވަރިކަމަށް، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވާފައިވަނީ ކަމާއިގުޅުން ހުރި މި ޕްރޮޖެކްޓްގެ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކޮންސަލްޓަންޓުން ހިމެނޭ ޓީމަކުންނެވެ.