37 ވަނަ ރީޖަނަލް ކޮންފަރެންސް ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (އޭ.ޕީ.އާރް.ސީ)ގެ މިނިސްޓީރިއަލް ބައްދަލުން ސްރީލަންކާގެ ކޮލޮމްބޯގައި ބާއްވައިފި

22 ފެބްރުއަރީ 2024

މި ކޮންފެރެންސްގެ މިނިސްޓީރިއަލް ބައްދަލުވުމުގެ ކުރިން ސީނިއަރ އޮފިސަރސް ބައްދަލުވުމެއް ޖަނަވަރީ 31 އިން 2 ފެބްރުއަރީ 2024 ގެ ނިޔަލަށް ވާރޗުއަލް ކޮށްވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބޭހޭ ވުޒާރާގެ މަތީ ފެންވަރުގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ .މި ބައްދަލުވުމުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ކާނާއާއި، ދަނޑުވެރިކަމުގެ ކުރިއެރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އަދި މިގޮންޖެހުންތަކުން ސަރަހައްދީ ފެންވަރުގައި ޤައުމުތައް ގުޅިގެން ކުރިއަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައިވަނީ މަޝްވަރާކުރެވިފައެވެ. ހަމަ މިއާއެކު މިސަރަހައްދުގެ ކާނާގެ ޔަޤީންކަން އިތުރުކުރުމަށާއި އަދި ނިއުޓްރިޝަން ރަނގަޅުކުރުމަށާއި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުމަށްޓަކައި ކުރެވިދާނެ ކަންތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމުގެ ތެރެއިން، 'ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް' (ސިޑްސް)، ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތައް ނުވަތަ 'ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް' (އެލް.ސީ.ޑީ) އަދި 'ލޭންޑްލޮކޮޑް ޑިވެލޮޕިންގް ކަންޓްރީސް' (އެލް.އެލް.ޑީ.ސީ) އަށް ނިސްބަތްވާ ޤައުމުތަކުގެ ސްޕެޝަލް މިނިސްޓީރިއަލް ސެޝަންގައި ޕެނަލިސްޓެއްގެ ގޮތުގައި ޑރ.އާއިޝަތު ރަމީލާ ބައިވެރިވެވަޑައިގެންފައިވެއެވެ. އެކަމަނާވަނީ ރާއްޖެ ފަދަ ތަރައްޤީވަމުންއަންނަ ކުދި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުންނާ، އެކަށީގެންވާ ވަސިލަތްތަށް ނެތުމުގެ ސަބަބުން ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށް ހުރި ގޮންޖެހުންތަކާއި، އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން، ފެބްރުއަރީ 20 ވަނަ ދުވަހު ޑރ.އާއިޝަތު ރަމީލާ ވަނީ ކާނާއި ދަނޑުވެރިކަމާއި ބެހޭ ރާއްޖޭގެ މުއައްސަސާ ތަމްސީލް ކުރާ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން، ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ހާލަތާއި، މި ދެދާއިރާއިން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކަންތައްތައް ހިމެނޭހެން 'ކަންޓްރީ ސްޓޭޓްމަންޓް' އެއް ދެއްވާފައެވެ. މި ސްޓޭޓްމަންޓްގައި، ދަނޑުވެރިކަމާއި، މަސްވެރިކަން އަދި މެރިކަލްޗަރ ތަރައްޤީކުރުމަށް ހުރި ގޮންޖެހުންތަކާއި، މި ގޮންޖެހުންތައް ކުޑަކޮށް ރާއްޖޭގެ ފުޑް ސެކުއިރިޓީ އަދި ނިއުޓްރިޝަން ހާލަތު ރަގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި އަދި ދަނޑުވެރިކަމާއި، މަސްވެރިކަމާއި، މެރިކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ސަރަހައްދީ ޤައުމުތަކުގެ އެއްބާރުލުމާއި، އެހީތެރިކަމާއި ގުޅޭގޮތުންވަނީ އަލިއަޅުވާލައްވާފައެވެ.

ދެމެހެއްޓެނިވި ގޮތަކަށް ކާނާ އުފައްދާ އަދި ބޭނުންކުރާ ނިޒާމަކަށް ބަދަލުކުރުމާއި ގުޅޭގޮތުން ބޭއްވުނު ވައްމޭޒު މަޝްވަރާބައްދަލުވުމުގައި ޑރ. އައިޝަތު ރަމީލާވަނީ މިފަދަ ބަދަލަކަށް ވާސިލުވުމަށް ރާއްޖެ ފަދަ ކުދި ގައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ތަނަވަސްކަންނެތުމުގެ މައްސަލަކަމަށް ފާހަގަކުރައްވާފައެވެ. އަދި މާލީ ތަނަވަސްކަން ހުރި ޤައުމުތަކުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ގޮވާލައްވާފައެވެ.

ކޮންމެ 2 އަހަރަކުން އެއްއަހަރު އޭސިއާ ޕެސިފިކް ސަރައްހައްދުގައި ކާނާއާއި ދަނޑުވެރިކަމާއި ގުޅޭގޮތުން ބާއްވާ އެންމެ ބޮޑު ކޮންފެރެންސް 2026 ވަނަ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގައެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު